މެންޑޭޓް

 

1. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަން ތަރައްޤީކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމާއި، މި ސިނާއަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުން. 

2. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމުގެ ސިނާއަތުތައް ތަރައްޤީކުރުމުގައި ޤައުމީ ފެންވަރުގައި ހާސިލުކުރުމަށް ކަނޑައަޅަންޖެހޭ ލަނޑުދަނޑިތައް ކަނޑައެޅުމާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ ވަސީލަތްތައް ހޯދުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

3. ސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމުގެ ސިނާއަތުތައް ތަރައްޤީކުރުމަށް، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެމަތިން މާސްޓަރ ޕްލޭންތަކާއި ސްޓްރެޓީޖިކް ޕްލޭންތަކާއި އެކްޝަން ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރުމާއި، އެ ޕްލޭންތައް ތަންފީޒުކުރަމުންދާގޮތް މޮނިޓަރކުރުން.

4. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގެމަތިން ތަރައްޤީކުރުމަށާއި،އެ ސިނާއަތުތައް ތަރައްޤީކުރުމަށް އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

5. ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ތަންފީޒުކުރުވުން.

6. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރާނެގޮތުގެ މިންގަނޑުތައް ކަނޑައަޅައި، އެކަންކަން މޮނިޓަރކުރާނެ ނިޒާމެއް ގާއިމުކޮށް، އެކަންކަން މޮނިޓަރކުރުން.

7. ރާއްޖޭގެ މަސްވެރިކަމާއި މެރިކަލްޗަރގެ ދާއިރާތައް ތަރައްޤީކުރުމަށް، އެ ދާއިރާތަކުގައި ހުރި ފުރުޞަތުތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން އިންވެސްޓްމަންޓް ހޯދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.

8. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމުގެ ދާއިރާތަކުން އިޤުތިޞާދީ އަދި އިޖުތިމާޢީ ހާލަތު ރަނގަޅުކުރުމަށް މަޝްރޫޢުތައް ރާވައި ހިންގުން.

9. ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި މަސްވެރިކަން އިތުރަށް ފުޅާކުރުމަށް ކުރެވެންހުރި ކަންކަން ތަޢާރުފުކޮށް، އެކަންކަމުގެ ފައިދާ މަސްވެރިންނަށް ލިބޭނެ މަގު ފަހިކޮށްދިނުން.

10. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަން ތަރައްޤީކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

11.  މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމުގެ ސިނާއަތަށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެ، އެ ސިނާއަތުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، އެ ސިނާއަތުތަކުން ލިބޭ އިޤުތިޞާދީ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

12. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމާ ގުޅުންހުރި ދިރޭތަކެތީގެ ނަސްލު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

13. ކަނޑުގައި ހިމެނޭ ޤުދުރަތީ ވަސީލަތްތަކުގެ ނަމޫނާ ނަގައި، އެއްކޮށް، ކެޓަލޮގުކޮށް، ރިފަރެންސް ކަލެކްޝަނެއްގެ ގޮތުގައި ބެލެހެއްޓުން.

14. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ލިބިގަތުމަށްޓަކައި، އެ ދާއިރާތަކާ ގުޅޭ ތަޙުލީލުތައްކުރުން.

15. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމުގެ ސިނާއަތުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ، މާލީ އެހީއާއި ފަންނީ އެހީއާއި އެހެނިހެން ވަސީލަތްތަކާއި ޚިދުމަތްތައް، ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން.

16. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމުގެ ސިނާއަތުތައް ތަރައްޤީކުރުމަށް ބޭނުންވާ ދިރާސާތައްކުރުން. އަދި، އެ ސިނާއަތުތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، އެ ދާއިރާތަކުން އުފައްދާ ބާވަތްތައް އިތުރުކުރުމާއި، އުފައްދާ ތަކެތި ރަނގަޅު ފެންވަރެއްގައި އުފެއްދުމަށް ބޭނުންވާ ދިރާސާތައްކޮށް، އެކަންކަން ރާއްޖެއަށް ތަޢާރުފުކުރުން.

17. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމުގެ އުފެއްދުންތަކަށް ރާއްޖެއާއި ބޭރުގެ ޤައުމުތަކުން މާކެޓް ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރުން.

18. ރާއްޖޭގެ ކަނޑާއި، ކަނޑު އަޑީގެ ބިންގަނޑާއި ހިކިފަސްބިމާއި، ބިމުއަޑީގެ ތަޙުލީލުތައްކޮށް ދިރާސާކުރުމަށް ހުއްދަ ދެވޭނެ އުސޫލުތަކާއި ގަވާއިދުތައް ކަނޑައަޅައި އެ ގަވާއިދުތައް ހިންގުން.

19. ރާއްޖޭގެ މާހައުލުގައި ހިމެނޭ ދިރޭ ތަކެތީގެ ތަޙުލީލުތަކާއި ދިރާސާތައްކުރުމަށް ހުއްދަދިނުމުގެ އުސޫލުތަކާއި ގަވާއިދުތައް ހަދައި، އެފަދަ ތަޙުލީލުތަކާއި ދިރާސާތައްކުރުމުގެ ހުއްދަ ދިނުން.

20. މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މަސައްކަތްތައް ކުރެވެމުންދަނީ، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ އަމާޒުތައް ހާސިލުވަމުންދާ ގޮތުގެމަތިންތޯ ބަލައި މޮނިޓަރކުރަމުން ގެންދިޔުން.

21. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމުގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް، އެ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުން.

22. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަން ތަރައްޤީކުރުމަށް ފަންނީ މީހުން ބޭނުންވާ ދާއިރާތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މީހުން ބިނާކުރުމަށް މަސައްކަތްކުރުން.

23. ރާއްޖޭގެ މަސްވެރިންގެ ދަފުތަރު އެކުލަވައިލުމުގެ އުސޫލުތައް އެކަށައަޅައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސްވެރިންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން.

24. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމުގެ ސިނާއަތުތަކުގައި އިޤުތިޞާދީ ނަފާ ހޯދެން ހުރި ތަފާތު ފުރުޞަތުތަކަށާއި، މަސައްކަތްތެރިކަމާއި ވަޒީފާގެ ފުރުޞަތުތަކަށް އާންމު ހޭލުންތެރިކަން އިތުރުކުރުން.

25. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމުގެ ދާއިރާތަކުން ތަފާސްހިސާބާއި އިޤުތިޞާދީ އަދި އިޖުތިމާޢީ މަޢުލޫމާތު އެއްކޮށް، ރިޕޯޓުތައް އެކުލަވައިލައި ޝާއިޢުކުރުން.

26. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ބޭރު ޤައުމުތަކާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ކޮމިޝަންތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ޔޫނިއަންތަކާއި ކޮމިޓީތަކާ ގުޅުން ބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން.

27. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.

28. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަމުގެ ދާއިރާގެ މަޢުލޫމާތު ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމެނުމަށް، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން. މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް ހިނގަމުންދާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ދަށުންނެވެ.

 

މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓުގެ މަސައްކަތްތައް

 

ކަނޑުގެ މާޙައުލާއި އެ މާޙައުލުގައި އުޅޭ ދިރުންތަކާ ގުޅޭ ސައިންޓިފިކް މަޢުލޫމާތު އެއްކުރުމަށްޓަކައި ކަނޑުތަކާ ގުޅުންހުރި ދިރާސާތައް ކުރުން.

ރާއްޖޭގެ ކަނޑުގެ މާޙައުލުގައި އުޅޭ ދިރުންހުރި ތަކެތީގެ މަޢުލޫމާތު އެއްކުރުމާއި، ކަނޑުގެ ދިރުންތަކުގެ ސްޕެސިމަން އެއްކޮށް ބެލެހެއްޓުން.

ރާއްޖޭގެ ކަނޑުގެ މާޙައުލުން މަދުވަމުންދާ ބާވަތްތަކާއި، ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކާއި، ކަނޑުގެ މާޙައުލުގެ ދުޅަހެޔޮކަމަށް މުހިންމު ބާވަތްތައް ދެނެގަނެ، އެ ބާވަތްތައް ރައްކައުތެރިކޮށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މަޢުލޫމާތާއި ލަފަޔާއި އިރުޝާދު ދިނުން.

ދިވެހިރާއްޖޭގައި ކުރެވޭ ތަފާތު ބާވަތް ބާވަތުގެ މަސްވެރިކަން ކުރެވެނީ އެ މަސައްކަތްތަކުގައި ހިފާ ބާވަތްތަކުގެ އާބާދީއަށާއި، އެ ތަކެތީގެ މާޙައުލަށް ގެއްލުން ނުވާ ގޮތަކަށްކަމާއި، އެ ބާވަތްތައް ހިފެނީ އެ ބާވަތްތަކަށް ގެއްލުން ނުވާ މިންވަރަށްކަން ޔަގީންކުރުމަށް ކުރަންޖެހޭ ދިރާސާތައް ކޮށް، އެ ދިރާސާތަކުގެ އަލީގައި މަސްވެރިކަމުގެ ވުޒާރާއަށް ފަންނީ ލަފާދިނުމާއި، މަސްވެރިކަމުގެ ތަފާސްހިސާބުތަކަކީ ބުނެވިދިޔަ ކަންކަމަށް އެކަށޭނަ ހިސާބުތަކަކަށް ހެދުމަށް ބޭނުންވާ ލަފާދިނުން.

ރާއްޖޭގެ ކަނޑުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭކަން ކަށަވަރުކުރުމަށްޓަކައި، މާޙައުލީ ނިޒާމާ ގުޅުވައިގެން މި ވަސީލަތްތައް މެނޭޖްކުރުމަށް (އިކޯސިސްޓަމް ބޭސްޑް މެނޭޖްމަންޓް) ބޭނުންވާ ސިޔާސަތުތައް އެކަށައެޅުމަށް، ސައިންސްގެ އަލީގައި މަޢުލޫމާތު ފޯރުކޮށްދިނުން.

ރާއްޖޭގައި މެރިކަލްޗަރގެ ސިނާއަތެއް ގާއިމުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، މެރިކަލްޗަރގެ ދާއިރާ ތަރައްޤީކުރާނެ ގޮތުގެ ފަންނީ ލަފާ ދިނުން.

މަސްވެރިކަމާއި، މެރިކަލްޗަރއާއި، ފަރުތަކާ ގުޅޭ ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުގެ މަސައްކަތްތަކުގައި ބައިވެރިވެ، މި ދާއިރާއިން ސައިންސް ކުރިއަރުވައި، މިފަދަ ޖަމުޢިއްޔާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ކުރާ ކަނޑުގެ މާޙައުލާ ގުޅޭ ދިރާސާތަކުން އެއްކުރާ މަޢުލޫމާތާއި ޑޭޓާތައް ޖަމާކޮށް، އެ ތަކެތި ބެލެހެއްޓުން.

މޭންޑޭޓް

Link