26 އޯގަސްޓް 2025

ބީ.ބީ.އެން.ޖޭ އެގްރިމެންޓް: ކަނޑުގެ ވަސީލަތް ރައްކާތެރިކުރުމުގެ ބައިނަލްއަޤުވާމީ މުޢާހަދާގައި ދިވެހިރާއްޖޭގެ ބައިވެރިވުން

ޚަބަރު - ނިންމުން

ބީ.ބީ.އެން.ޖޭ އެގްރިމެންޓް: ކަނޑުގެ ވަސީލަތް ރައްކާތެރިކުރުމުގެ ބައިނަލްއަޤުވާމީ މުޢާހަދާގައި ދިވެހިރާއްޖޭގެ ބައިވެރިވުން

ބީ.ބީ.އެން.ޖޭ އެގްރިމެންޓަކީ ހަމަހަމަކަމާއި، ޙަޤީޤީ ޤާބިލުކަން އިތުރުކުރުމުގެ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް ތަންފީޛުކުރެވިއްޖެނަމަ، އޭގެ ފައިދާ އެންމެންނަށް، ޚާއްޞަކޮށް ރާއްޖެ ފަދަ އެބައެއްގެ ދިރިއުޅުން ކަނޑާ ގުޅިލާމެހިފައިވާ ފަރާތްތަކަށް ލިއްބައިދޭނެ އެއްބަސްވުމަކަށް ވާނޭ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ [އެގްރިމެންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބަޔޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއާޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން] ނުވަތަ [ބީ.ބީ.އެން.ޖޭ އެގްރީމެންޓް]  ތަންފީޛުކުރުމަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ 18 އިން 29 އަށް އެމެރިކާގެ ނިއުޔޯކްގައި ބޭއްވުނު ޕްރިޕަރޭޓަރީ ކޮމިޝަންގެ ހަވާސާގައި [ފިޝަރީޒް އެންޑް ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން] ގެ ނަމުގައި ބޭއްވުނު ސައިޑް އިވެންޓްގައެވެ.

ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމުޢިއްޔާ (ފުޑް އެންޑް އެގްރިކަލްޗަރ) އިން އިނތިޒާމްކޮށްގެން ބޭއްވި މި ޕެނަލް ޑިސްކަޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާން ވަނީ ކަނޑުގެ ދުޅަހެޔޮކަމާއި ދިވެހި މުޖުތަމަޢުތަކުގެ ދެމިއޮތުމާ ގުޅިލާމެހިފައިވާ މިންވަރު ފާހަގަކުރައްވާފައެވެ. އަދި ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވައި ޑރ. ސިނާން ވިދާޅުވީ ކަނޑުތައް ރައްކައުތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމަށް ގޮވާލައި ބައިނަލްއަގުވާމީ މަންސަތަކުގެ އެންމެ ކުރީ ސަފަށް ރާއްޖެއިން ނުކުންނަ އެއް ސަބަބަކީވެސް ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ރާއްޖެ ބަރޯސާވެފައިވާ މިންވަރު ކަމުގައެވެ.

ޑރ. ޙުސައިން ސިނާންގެ ވާހަކަފުޅުގައި ބީ.ބީ.އެން.ޖޭ އެއްބަސްވުމުގެ ދަށުން ތަފާތު ގިނަ ކަންކަން ހާސިލްކުރެވިދާނެކަން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ސަރަޙައްދީ ފެންވަރުގައި މަސްވެރިކަން ރާވައި، ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ކުރާ ޖަމްޢިއްޔާތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ޤައުމުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ދަށުން ކުރެވޭ މަސައްކަތްތައް އެއްހަމަ ކުރުމާއި، ޤައުމުތަކުގެ އިޚްތިޞާޞުން ބޭރުގައިވާ ސަރަޙައްދުތައް ބެލެހެއްޓުމާ ގުޅޭގޮތުން ނިންމާ ނިންމުންތަކުގައި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ފުރިހަމައަށް ބައިވެރިވުމުގެ މަގު މި އެއްބަސްވުން މެދުވެރިކޮށް ފަހިވެގެންދިޔުން ހިމެނެއެވެ. އަދި މީގެ އިތުރުން، ތަރައްޤީވަމުންއަންނަ ޤައުމުތަކުގެ ޤާބިލުކަން އިތުރުކޮށް، ދުނިޔޭގެ ފަންނީ މާހިރުންނާ އެކު މަސައްކަތްކުރުމަށްވެސް މި އެއްބަސްވުމުގެ ޒަރިއްޔާއިން ފުރުސަތުލިބިގެންދާނެއެވެ.

      ބީ.ބީ.އެން.ޖޭ އެގްރިމެންޓަކީ ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނުގެ ދަށުން، މާކަނޑުގެ ދިރުންތައް ބޭނުންކުރެވެނީ ދެމެހެއްޓެނިވި ގޮތެއްގައިކަން ޔަޤީންކުރުމުގެ ގޮތުން 19 ޖޫން 2023 ގައި ފާސްކޮށްފައިވާ މުޢާހަދާއެކެވެ. މި މުޢާހަދާ ތަންފީޛުކުރަން ފެށުމަށް 60 ޤައުމަކުން ތަސްދީޤުކުރަން ޖެހޭ އިރު، މިހާތަނަށް 55 ޤައުމަކުން މި މުޢާހަދާ ތަސްދީޤުކޮށްފައިވެއެވެ.