22 ސެޕްޓެމްބަރ 2025

މ. މުލަކުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ "ފިއުލްސްކިޑް" މަޝްރޫޢުގެ މަސައްކަތް 2026 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެއްޓުމާބެހޭ

ޚަބަރު - ނިންމުން

މ. މުލަކުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ "ފިއުލްސްކިޑް" މަޝްރޫޢުގެ މަސައްކަތް 2026 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެއްޓުމާބެހޭ

މަސްވެރިންނަށް ފަސޭހައިން ތެޔޮލިބޭނެ އިންތިޒާމު ގާއިމްކުރުމާށް ހިންގާ މަޝްރޫއުގެ ތެރެއިން މުލަކުގައި ގާއިމް ކުރާ ފިއުލް ސްކިޑްގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މުލަކަތޮޅަކީ މަސްވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ އަތޮޅެއް ކަމަށެވެ. އެގޮތުން މުލަކުގައި ގާއިމްކުރާ 30 ޓަނުގެ އައިސްޕްލާންޓާއި ކޯލްޑް ސްޓޯރޭޗް ގާއިމްކުރުމުގެ މަޝްރޫއުގެ އިތުރުން ފިއުލް ސްކިޑްގެ މަސައްކަތްތައް ނިމުމުން ރަށުގެ މަސްވެރިކަމަށް އިތުރު ކުރިއެރުމެން ލިބިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމާއި ހެޔޮ އަގުގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި މުހިންމު ވައުދެއް ކަމަށެވެ. އެގޮތުން އެސްޓިއޯ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމު ގާއިމްކުރުމަށް މިހާރު އެމަސައްމަތް އެސްޓިއޯއާއި ހަވާލުކޮށްފައިވާ ކަަމާށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ މާޗް މަހު އެ މަސައްކަތް ނިމޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މަސްވެރިކަމުގެ ސިނާއަތް އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައިކަމަށެވެ. އެހެންނަމަވެސް، މަސްވެރިންނަށް ދޭންޖެހޭ ފައިސާދިނުމުގެ ދެމެހެއްޓެނިވި ނިޒާމެއް ކަނޑައަޅުއްވައި، ބިނާރާއި ވަޞީލަތްތައް ޤާއިމުކުރައްވައިގެން، އެ ސިނާޢަތް ނަގާ ކޮޅަށްޖެހުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.