10 ޑިސެމްބަރ 2025
45 ވަނަ މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ "މަސްވެރިންގެ ގުންޒަރު" ފޯރަމް، ވަޒީރު އަޙްމަދު ޝިޔާމް އިފުތިތާޙު ކޮށްދެއްވައިފި
ޚަބަރު - ނިންމުން
45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ މަސްވެރިންގެ ފޯރަމް މިއަދު ރ.ދުވާފަރުގައި ފަށައިފި

މިއަދު، 45 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ "މަސްވެރިންގެ ގުންޒަރު" ފޯރަމް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އިފުތިތާޙު ކޮށްދެއްވައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމް، މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހުއަށް ވަނީ ތާވަލުކުރެވިފައެވެ. މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ރ. ދުވާފަރުގައެވެ.
މި ފޯރަމްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި އެ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ދުވާފަރުގެ މަސްވެރިންނާއި، ރާއްޖޭގެ އެކި ސަރަޙައްދުތަކުން ގިނަ އަދަދެއްގެ މަސްވެރިންނާއި، މަސް ޕްރޮސެސްކުރާ ކުންފުނިތަކުގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. ޖުމްލަ 9 އަތޮޅަކުން 47 މަސްވެރިންނާއި، 4 މަސް ޕްރޮސެސްކުރާ ކުންފުނި މި ފޯރަމްގައި ބައިވެރިވެފައި ވެއެވެ.
މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ، މަސްވެރިކަމުގެ ސިނާޢަތުގައި ދިމާވާ ކަންބޮޑުވުންތަކާއި، ޝަކުވާތައް މަސްވެރިންނާއެކު ޙިއްޞާކޮށް، މަސްވެރިކަމުގެ ވުޒާރާއިން ސިނާޢަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ މަޢުލޫމާތު ދިނުމެވެ. އަދި، މަސްވެރިކަން ތަރައްޤީކުރުމަށް ބޭނުންކުރެވިދާނެ އައު އުކުޅުތަކާއި ޢާލާތްތަކުގެ މަޢުލޫމާތު ޙިއްޞާކޮށް، ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީވެސް މި ފޯރަމްގެ މުހިންމު ބޭނުމެކެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭގޮތުންވެސް މި ފޯރަމްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
މިއަދު ހެނދުނު ފެށި މި ފޯރަމްގައި މަސްވެރިން ވަނީ އެބޭފުޅުންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ޙައްލުކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަޙްމަދު ޝިޔާމް ވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވުމަށް ވުޒާރާއިން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.