13 ޑިސެމްބަރ 2025

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން 45 ވަނަ ޤައުމީ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރ. ދުވާފަރަށް ވަޑައިގެންފި

ޙަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން 45 ވަނަ ޤައުމީ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރ. ދުވާފަރަށް ވަޑައިގެންފި

ދިވެހިރާއްޖެގެ  45 ވަނަ ޤައުމީ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާޅޮސްމަޑުލުއުތުރުބުރި ދުވާފަރަށް ވަޑައިގަންނަވައިފިއެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއާއި ރަސްމީ ހަރަކާތްތައް ކުރިއަށް ގެނދިއުމަށް ހަމަޖެހިފައި ވަނީ ރ. ދުވާފަރުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ދުވާފަރުން މަރުޙަބާ ދެންނެވީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް، ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ، އަދި ދުވާފަރު ކައުންސިލްގެ އިސްވެރިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް ޒިޔާރަތްކުރެއްވުމާ ގުޅިގެން، ދުވާފަރު ރައްޔިތުންގެ ފަރާތުން އެމަނިކުފާނުގެ ދެކަނބަލުންނަށް ވަރަށް ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދުވާފަރުގައި ތަފާތު ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގައި ދުވާފަރުގެ ރައްޔިތުންނާއި ރ. އަތޮޅުގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެއެވެ. މީގެއިތުރުން، ސަރުކާރުގެ ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރިން، އަދި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބައެއް ސަފީރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ހަމަ އެހެންމެ، މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ވެސް މި ހަރަކާތްތަކުގެ ބައިވެރިންގެ ތެރޭގައި ހިމެނޭނެއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރާވާފައިވާ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި މަސްވެރިންގެ ފޯރަމް އަދި މުޅި އަތޮޅަށް ހުޅުވާލައިގެން މަސް ރޭހެއް ބޭއްވުމާއި، ކުޑަކުދިންނަށް ޚާއްސަކޮށް ކުޑަކުދިންގެ ހަވީރެއް ބޭއްވުމާއި، މަސްކެނޑުމުގެ މުބާރާތެއް ހިމެނެއެވެ. މި ހަރަކާތްތައް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

 

މީގެއިތުރުން ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދުވާފަރުގެ މަސްވެރިންނާ ބައްދަލުކުރައްވައިފައެވެ.