21 ޑިސެމްބަރ 2025

މަސްވެރިކަމުން ނަފާ އިތުރުކުރުމަށް ސަރުކާރުން އެހީވާނެ - ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބް

News

މަސްވެރިކަމުން ނަފާ އިތުރުކުރުމަށް ސަރުކާރުން އެހީވާނެ - ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބް

މިފްކޯއިން ފުވައްމުލައް ސިޓީގައި ގާއިމުކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު މުއްތަލިބު ވަނީ މިފަދައިން ވިދާޅުވެފައެވެ.

ސްޓޭޓް މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި، މިފްކޯއިން ފުވައްމުލައް ސިޓީގައި ޤާއިމުކުރި މި ފިޝް ޕްރޮސެސިންގ ފެސިލިޓީގެ ސަބަބުން، ފުވައްމުލަކާއި އެސަރަޙައްދުގެ މަސްވެރިންނަށް އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ.

ފުވައްމުލަކުގެ މަސްވެރިކަން އިތުރު ހަރުފަތަކަށް ކުރިއެރުވުމަށް މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރައްވައި، މުއްތަލިބު ވިދާޅުވީ، މިހާރާ ބާނާ މަސް ރައްކާތެރިކަމާއެކު އައިސްކޮށްގެން މި ފެސިލިޓީއާ ހަމައަށް ގެނައުމުގެ އިންތިޒާމު ހަމަޖެއްސުން މުހިންމު ކަމަށެވެ. އަދި މިކަމުގައި މަސްވެރިންނަށް ސަރުކާރުން އެހީތެރިވެދޭނެކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ.

މި ފިޝް ޕްރޮސެސިންގ ފެސިލިޓީގެ ސަބަބުން މަސްވެރިން ބާނާ މަސްކޮޅު ދާއިމީކޮށް ވިއްކާލެވޭނެކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށް މުއްތަލިބު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ފުވައްމުލައް ފިޝް ޕްރޮސެސިންގ ފެސިލިޓީގެ ސަބަބުން ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ފޯރުކޮށްދިނުމުގެ އިތުރުން، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ފުޅާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ފެސިލިޓީގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް، އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި، މަސްވެރިކަމުގެ ދާއިރާގައި ކުރިއެރުންތަކެއް ފެނިގެންދާނެއެވެ.

 ފުވައްމުލަކުގައި ގާއިމް ކުރި މަސް ޕްރޮސެސްކުރާ ފެސިލިޓީން މަރުކަޒުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެ ކަމަށް މިފްކޯއިން ބުނެއެވެ.