16 ޑިސެމްބަރ 2024

ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީ ކުރުމަށް ސަރުކާރުން އިސްކަންދެއްވާ: ވަޒީރު އަހްމަދު ޝިޔާމް

ޙަބަރު

ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީ ކުރުމަށް ސަރުކާރުން އިސްކަންދެއްވާ: ވަޒީރު އަހްމަދު ޝިޔާމް

ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްޤީ ކުރުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށާއި މި ދާއިރާގައި އިންވެސްޓުކުރުމަށް ޝައުގުވެރިވާ ޗައިނާގެ ކުންފުނިތަކަށް އެފުރުސަތު އޮތީ ހުޅުވާލެވިފައިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ޗެއާމަން ލުއާ ޖައުހުއީ އާއި އެކު ބޭއްވި ބައްދަލުވުމުގައެވެ. މިބައްދަލުވުމުގެ ވަޒީރު، ވަނީ ރާއްޖެ އާއި ޗައިނާ އާއި ދެމުނު ގުޅުން ގާއިމްކުރިފަހުން 50 އަހަރު ފުރިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ގުޅުމަކީ އިސްތިޤްލާލީ ހަމަހަމަކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމުގެ ވަރުގަދަ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް މިއަހަރުގެ ޖެނުއަރީމަހު ކުރެއްވި ކާމިޔާބު ދަތުރުފުޅާއި އެކު ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ. މީގެއިތުރުން ރާއްޖޭގެ އުމްރާނީ އަދި އިޖްތިމާއީ ތަރައްޤީއަށް ފާއިތުވީ އަހަރުތަކުގައި ޗައިނާއިން ދީފައިވާ އެހީތައް ޝުކުރު އަދާކޮށްފައެވެ. އަދި މިފަދަ އެންމެ ބޮޑު އެއް އެހީއަކީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ނުވަތަ ސިނަމާލެ ބުރިޖު މަޝްރޫޢުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ޝިޔާމު ވިދާޅުވީ އަދުގެ ސަރުކާރުގެ ތަަސައްވަރަކީ، މަސް ޕްރޮސެސް ކުރުމުގެ ގާބިލުކަން އިތުރުކޮށް މަސްވެރިކަމުގެ އާމްދަނީ އިތުރުކުރުންކަމަށެވެ. އެގޮތުން މިވަގުތު ރާއްޖެއިން ގާތްގަނޑަކަށް 65،000 ޓަނުގެ ރޯ މަސް އެކްސްޕޯޓް ކުރާއިރު، އެ މަސްތައް ރާއްޖެއިން ބޭރުގައި ޕްރޮސެސްކޮށް ދުނިޔޭގ މާކެޓްތަކަށް އެކްސްޕޯޓް ކުރާކަމަށެވެ.

ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ދުނިޔޭގެ އެންމެ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މަސްވެރިކަން ކަން ފާހަކުރައްވާ ވަޒީރު ވިދާޅުވީ މި ދާއިރާ ކުރިއެރުމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

2024  ވަނަ އަހަރުގެ ޖެނުއަރީމަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެމް.އޯ. ޔޫ. ތަކުގައި ބަޔާންކޮށްފައިވާ އެއްބާރުލުމުގެ ސަބަބުން، ރާއްޖޭގެ މަސްވެރިކަމުގެ އާ އިންވެސްޓްމަންޓްތައް ގެނައުމުގައި ޗައިނާގެ ބައިވެރިންނާއެކު ޕާޓްނަރޝިޕް އުފެދި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި މަސް ޕްރޮސެސިންގ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް ކޯޕަރޭޝަނާއި ގުޅިގެން ކުރަމުންދާ ކަމަށާއި މި މަޝްރޫޢު ނިމިގެންދާއިރު ރާއްޖޭގައި ދަޅު މަސް ބަންދުކުރެވޭ ޤާބިލްކަން ތިންގުނައަށް އިތުރުވެގެންދާކަމަށް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ރާއްޖެއަށް މި ދާއިރާއިން އާމްދަނީ ލިބޭނެ އިތުރު މަގުތައް ވެސް ސަރުކާރުން ދަނީ ފަހިކޮށްދެމުންކަން ފާހަގަކުރައްވާ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވީ އެކުއަކަލްޗަރ ދާއިރާ ފުޅާކުރުމަށް މަސައްކަތްކުރެވެމުންްދާކަމަށެވެ.