20 ޖަނަވަރީ 2025

އޮއިވާލި ކަނދުފަތީގެ ފަރުމާ އިތުރަށް ތަރައްޤީކުރުމަށް ކުރިއަށް ގެންދެވުން މަސައްކަތު ބައްދަލުވުން ވަޒީރު އަޙްމަދު ޝިޔާމް އިފްތިތާޙް ކޮށްދެއްވައިފި

ޙަބަރު

އޮއިވާލި ކަނދުފަތިތަކުގެ ފަރުމާ އިތުރަށް ތަރައްޤީކުރުމަށް އެފް.އޯ.އޭގެ ފަންނީ އެހީތެރިކަމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި މަސައްކަތު ބައްދަލުވުން

އެފް.އޭ.އޯ ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް، އެންޑް އޯޝަން ރިސޯސަސް އިން " ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން" (އެފް.އޭ.އޯ) ގެ އެހީގައި "އިންސެޕްޝަން" މަސައްކަތު ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މި މަސައްކަތު ބައްދަލުވުމުގެ  މަޤްޞަދަކީ ދޮށީގެ މަސްވެރިކަމާއި ވަދު މަސްވެރިކަމަށް އަމާޒުކޮށްގެން  ޤާއިމްކޮށްފައިވާ ކަނދުފަތިތައް ކުރުމުއްދަތެއްގައި ކަނޑައިގެންދާ ސަބަބުތައް ދެނެގަނެ، މިކަން ޙައްލުކުުރުމަށް ކަނދުފައްޗާއި ކަނދުފަތީގެ ސްޓްރަކްޗަރ އަށް ގެނެވިދާނެ ބަދަލުތަކާއި މެދު ކަމާއިގުޅޭ މަޞްލަޙަތުވެރިންނާ މަޝްވަރާކުރުމެވެ.

މި ބައްދަލުވުން އިފްތިތާޙު ކޮށްދެއްވީ ވަޒީރު އަޙްމަދު އަޙްމަދު ޝިޔާމެވެ. ވަޒީރު ހާޒިރީންނާ މުޚާޠަބު ކުރައްވަމުން ވިދާޅުވީ، މިއަދު ފެށިގެންދާ މި ޕްރޮގްރާމުގެ ޒަމާނީ ޓެކްނޮލޮޖީއާއި އެންމެ ފަހުގެ އީޖާދުތަކުގެ ބޭނުންހިފައިގެން، މިހާރު ރާއްޖޭގައި ބޭނުންކުރަމުންދާ ކަނދުފަތީގެ ޑިޒައިން އިތުރަށް ތަރައްޤީކޮށް، އަދި ކަނދުފަތީގެ ބޭނުންހިފޭ މުއްދަތު އިތުރުކުރުން ކަމަށެވެ. މި މަސައްކަތުގެ ސަބަބުން ކަނދުފަތި ޤާއިމުކުރުމަށް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ޕްރޮގްރާމަށް ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް.އޭ.އޯ) އިން ވެދެއްވާފައިވާ ފަންނީ އެހީތެރިކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރުގެ ނަމުގައި އެފް.އޭ.އޯ އަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މިނިސްޓްރީގެ އިސްވެރިންނާއި ފަންނީ މުވައްޒަފުންގެ އިތުރުން، އެފް.އޭ.އޯގެ ފިޝަރީ އިންޑަސްޓްރީ އޮފިސަރ މިސްޓަރ ޖޮނަތަން ލަންސްލީ، މި ޕްރޮޖެކްޓްގެ އިންޓަނޭޝަނަލް ކޮންސަލްޓަންޓް މިސްޓަރ ނެޑް ހިލް، އަދި ލޯކަލް ކޮންސަލްޓަންޓް އަލްފާޟިލް ޢަލީ ނަޢީމެވެ. މީގެ އިތުރުން، މަސްވެރިންނާއި ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތައްވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.