12 މެއި 2025
ވަޒީރު އަޙްމަދު ޝިޔާމް، ކިނބިދޫ ދާއިރާގެ މެންބަރު އަދި ތ. ކަނޑޫދޫ ކައުންސިލާ ބައްދަލުކުރައްވައިފި
ޙަބަރު
ވަޒީރު އަޙްމަދު ޝިޔާމް، ކިނބިދޫ ދާއިރާގެ މެންބަރު އަދި ތ. ކަނޑޫދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ވަޒީރު އަޙްމަދު ޝިޔާމް، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު އަޝްރަޤް އަދި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް އަޙްމަދު ރީހާނާއި ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ތ. ވަންދޫ އަދި ތ. ހިރިލަންދޫގެ އައިސްޕްލާންޓްތަކަށް ދިމާވެފައިވާ މައްސަލަތައް އަވަހަށް ހައްލުކޮށްދިނުމާ ގުޅޭގޮތުންނެވެ. މި މައްސަލަތަކަކީ އެ ސަރަޙައްދުގެ މަސްވެރިކަމަށް ވަރަށް ބޮޑު ހުރަހަކަށްވެފައިވާ ކަމެއްކަން ބައްދަލުވުމުގައި ފާހަގަކުރެވުނެވެ. މީގެއިތުރުން ކަނޑޫދޫ ކައުންސިލުން ވަނީ އެ ރަށުގައި ވަދު ކަނދުފައްޗެއް ޤާއިމްކުރުމަށް އެދިވަޑައިގެންފައެވެ.
މީގެއިތުރުން، މެރިކަލްޗަރ ދާއިރާގައި ހުރި ފުރުޞަތުތަކާއި މިނިސްޓްރީން ކުރިއަށްގެންދަވާ ތަމްރީނު ޕްރޮގްރާމްތަކާ ބެހޭގޮތުން ވަޒީރު ޝިޔާމް ވަނީ ކައުންސިލު ބޭފުޅުންނާއި މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މުހިންމުކަންވެސް މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
ވަޒީރު އަޙްމަދު ޝިޔާމްގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް އައިމިނަތު ޝަރީފް އަދި ޑިރެކްޓަރ އަހިމަދު ޝިފާޒްއެވެ.