28 ޖޫން 2025
މަޖީދިއްޔާ ސްކޫލް މެރިން ސައިންސް ކިޔަވާ ދަރިވަރުން ކ.މަނިޔަފުށި ރިސާރޗް އެންޑް ޓްރެއިނިންގް ފެސިލިޓީއަށް ޒިޔާރަތް ކޮށްފި
ޙަބަރު
މަޖީދިއްޔާ ސްކޫލުގެ 10 ވަނަ ގްރޭޑުގެ މެރިން ސައިންސް ދަރިވަރުންނަށް، މަނިޔަފުށި މެރިން ރިސާޗް ސެންޓަރުން އެ ދާއިރާއާ ގުޅޭ ޢަމަލީ ތަޖުރިބާ ފޯރުކޮށްދީފި

މަޖީދިއްޔާ ސްކޫލުގެ 10 ވަނަ ގްރޭޑުގެ މެރިން ސައިންސް ދަރިވަރުންނަށް، މަނިޔަފުށި މެރިން ރިސާޗް ސެންޓަރުން ވަނީ އެ ދާއިރާއާ ގުޅޭ ޢަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ޚާއްޞަ ފުރުޞަތެއް ތަނަވަސްކޮށްދީފައެވެ.
މި ޕްރޮގްރާމުގެ ދަށުން، މެރިން ސައިންސް ދާއިރާގެ 11 ދަރިވަރުންނަށް މަނިޔަފުށި މެރިން ރިސާޗް ސެންޓަރަށް ޒިޔާރަތްކޮށް، އެ މަރުކަޒުގެ ޢިލްމީ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އެއްކުރުމުގެ ނަމޫނާ ފުރުޞަތެއް ލިބިގެންދިޔައެވެ. މި ޒިޔާރަތުގައި، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ކުރިއަށްގެންދާ ފިޝަރީޒް ރިސާޗް ޕްރޮގްރާމް، އިކޯސިސްޓަމް ރިސާޗް އަދި މެރިކަލްޗަރ ރިސާޗް ޕްރޮގްރާމްތަކާ ބެހޭ ތަފްޞީލީ މަޢުލޫމާތު ދަރިވަރުންނާ ހިއްސާކުރެވުނެވެ.
މީގެ އިތުރުން، ދަރިވަރުންނަށް ދިރޭ ކާނާ އާލާކުރާ ލެބޯޓަރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި، ދިރޭ ކާނާ އާލާ ކުރާގޮތުގެ މަޢުލޫމާތު ފޯރުކޮށްދެވިފައެވެ. ހަމައެހެންމެ، ހެޗަރީގައި ކުރިއަށްގެންދާ ފާނަ، ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ މަސައްކަތްތަކުގެ ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދިޔައެވެ. މީގެ އިތުރުން، ޕާލްކަލްޗަރއާ ގުޅޭ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި ބެހޭ މުހިންމު މަޢުލޫމާތު ދަރިވަރުންނާ ހިއްސާކުރެވުނެވެ.
މި ޒިޔާރަތަކީ ދަރިވަރުންގެ ތަޢުލީމީ ދާއިރާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ، އަދި މެރިން ސައިންސްގެ ދާއިރާއިން ކުރެވޭ ޢިލްމީ ދިރާސާތަކާ ބެހޭ ޢަމަލީ މަޢުލޫމާތު ލިބިގަތުމުގެ މުހިއްމު ފުރުޞަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.