22 ޖުލައި 2025
ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރާއި މިނިސްޓަރު އަހުމަދު ޝިޔާމްއާއި ބައްދަލުކުރައްވައިފި
ޙަބަރު
ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރާއި ޗައިނާގެ ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިންހު އަދި ފުޖިއަން ޕްރޮވިންސްގެ ވަފުދާއެކު ވަޒީރު އަހުމަދު ޝިޔާމް ބައްދަލުވުން

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ޗައިނާގެ ވައިސް ގަވަރުނަރު އޮފް ފުޖިއާން ޕްރޮވިންސް ވެއި ޝިއައޮކުއި އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ވުޒާރާގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ފުޖިއަން ޕްރޮވިންސުން ޒިޔާރަތްކުރި ވަފުދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ބްލޫ އިކޮނޮމީގައި ރާއްޖެއާއި ޗައިނާގެ ގުޅުމާށް އަލިއާޅުއްވާލެއްވިއެވެ.
ސީ ކިއުކަމްބާ އެކްވާކަލްޗަރ ޕްރޮގްރާމާއި މޯލްޑިވްސް ރިސާޗްސެންޓަރަށް ފުޖިއަން ޕްރޮވިންސް އިން ވެދެއްވަމުން ގެންދާ ފަންނީ އެހީތެރިކަމަށް ވަޒީރު ޝުކުރުއަދާކުރެއްވި އެވެ. އަދި ޗައިނާގެ އަމިއްލަ ފަރާތްތަކުން ރާއްޖޭގެ އެކްވާކަލްޗަރ ޑިވެލޮޕްމަންޓްގައި ވެދެއްވާ އެހީތެރިކަންވެސް ވަޒީރު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން މަސްވެރިކަމާއި އެކްވާކަލްޗަރގެ ފަންނީ ތަމްރީނުތައް އިތުރުކުރުމާއި ކޮލަބަރޭޓިވް މެރިޓައިމް ރިސާޗާއި، ރާއްޖޭގައި އެކްވާކަލްޗަރ އަދި ސްޕޯޓްސް ފިޝިންގ ވެންޗަރތަކަށް އިންވެސްޓްކުރުން އިތުރުކުރުމާއި އެއްބާރުލުން ދިނުމާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.