18 ސެޕްޓެމްބަރ 2025
ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް އެންޑް އެކުއާކަލްޗަރ ކޯހުގެ މަންހަޖު އެކުލަވާލުމުގެ މަސައްކަތް ފަށައިފި
ނޫސް ބަޔާން
ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް އެންޑް އެކުއާކަލްޗަރ ކޯހުގެ ގެ މަންހަޖު އެކުލަވާލުމަށް މިމިނިސްޓްރީއާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ 18 ސެޕްޓެމްބަރ 2025 ވަނަ ދުވަހު މަސްވެރިކަމާބެހޭ ވުޒާރާގައެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އަލްފާޟިލާ އީނާސް ނަޞީރު، ޑިރެކްޓަރ އަދި ފައިނޭންސް އެގްޒެކެޓިވް އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.

މި އެއްބަސްވުމަކީ ވޯލްޑް ބޭންކުގެ ލޯނު އަދި ހިލޭއެހީގެ ދަށުން ހިންގާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ދަ ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އަދި މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯރމް ޕްރޮޖެކްޓް)ގެ ދަށުން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި މަޝްރޫޢުގެ ދަށުން މީގެ ކުރިން ވަނީ މަސްވެރިކަމާއި، މެރިކަލްޗަރ، އަކުއަކަލްޗަރ އަދި ދަނޑުވެރިކަމާ ގުޅޭ އެކި ދާއިރާތަކުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް 17 ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕް ދީފައެވެ.
މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ފިޝަރީޒް އެންޑް އެކުއާކަލްޗަރގެ ދާއިރާއިން އެއް އަހަރު ދުވަހުގެ ފައުންޑޭޝަން ޕްރޮގްރާމަކުންނެވެ. އޭގެ ފަހުން، ޑިޕްލޮމާ އަދި ބެޗްލާސް ޑިގްރީ ފުރިހަމަކުރެވޭނެއެވެ. މި ކޯހަކީ ކްލާސްރޫމް ތަޢުލީމާއި ޢަމަލީ ތަޖުރިބާ އެކުލެވޭ ފުލްޓައިމް ކޯހެކެވެ. ފައުންޑޭޝަން އަދި ޑިޕްލޮމާ ފެންވަރުގައި، ދަރިވަރުން ކިޔަވާނީ މައިގަނޑު 'ކޯރ' މޮޑިއުލްތަކެވެ. އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުން ފެށިގެން މަތިން، ދަރިވަރުންނަށް އިޚްތިޔާރީ މާއްދާތައް ނުވަތަ 'އިލެކްޓިވްސް' ޚިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮގްރާމްގައި ފިޝަރީޒް ސައިންސް އަދި އެކުއާކަލްރ ގެ ދާއިރާއިން ޚާއްސަ ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކޮންމެ ޕްރޮގްރާމެއް ނިމުމުން ދަރިވަރުންނަށް ޕްރޮގްރާމުން ވަކިވެ، ފުރިހަމަކޮށްފައިވާ ލެވެލްއަށް ސެޓްފިކެޓް ލިބުމުގެ އިޙްތިޔާރުވެސް އޮންނާނެއެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މި ޕްރޮގްރާމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ މަންހަޖާއި ކޯސް މެޓީރިއަލްތައް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ފިޝަރީޒް ސައިންސް، އެކުއާކަލްޗާ، ރިސޯސް މެނޭޖްމަންޓް، ކްލައިމެޓް ރެޒިލިއަންސް އަދި ސަސްޓެއިނަބިލިޓީ ފަދަ މޮޑިއުލްތައް ހިމެނެއެވެ.
މި މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 43 މަހެވެ. މި ކޯހުގެ މަންހަޖު ތައްޔާރުކޮށް ނިމުމުން، ކޯސް ހިންގުމަށް ވެސް ހަމަޖެހިފައިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީ އިންނެވެ. މި ކޯހުގައި ޓްރާންސްފޯމް މަޝްރޫޢުގެ ސްޕޮންސަރޝިޕް ގެ ދަށުން ކިޔެވުމުގެ ފުރުސަތު ރާއްޖެ އަދި ސައުތުވެސްޓް އިންޑިއަން އޯޝަން ރީޖަންގެ ގައުމުތަކުގެ ދަރިވަރުންނަށް ހުޅުވިގެންދާނެއެވެ.