20 ސެޕްޓެމްބަރ 2025

ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނާއި ކަނޑުގެ ވަސީލަތްތަކަށް ބަރޯސާވެފައިވާ އިޤްތިޞާދުގެ މައްޗަށް އަލިއަޅުވާލައި ސަރަޙައްދީ ފެންވަރުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ނޫސް ބަޔާން

ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނާއި ކަނޑުގެ ވަސީލަތްތަކަށް ބަރޯސާވެފައިވާ އިޤްތިޞާދުގެ މައްޗަށް އަލިއަޅުވާލައި ސަރަޙައްދީ ފެންވަރުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނާއި އިންޑިއާ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާގުޅޭ މަސައްކަތު ބައްދަލުވުމެއް މިއަދު ވިލާ ނޯޓިކާގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލާ އާމިނަތު ޙުސައިން ޝަރީފް އިފްތިތާޙުކޮށްދެއްވައިފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ ނޯވޭޖިއަން އޭޖެންސީ ފޯ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އެހީގެ ދަށުން ހިންގާ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤުތިޞާދީ ވިލުންތެރިކަން އިތުރުކުރުމަށާއި އެ ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށްޓުމުގެ  އިސްތިރާޖީ ޤާބިލުކަން ހަރުދަނާކުރުމުގެ މަޝްރޫޢެއްގެ ދަށުން އ. ދ. ގެ ޑިވިޝަން ފޯ އޯޝަން އެފެއާޒް އެންޑް ދަ ލޯ އޮފް ދަ ސީ އަދި ދިވެހި ސަރުކާރާ ގުޅިގެން އިންތިޒާމްކޮށްފައިވާ ހަތަރު ދުވަހުގެ ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނު (އަންކްލޯސް) އާއި އެއާ ގުޅުންހުރި އެހެނިހެން މުޢާހަދާތަކާއި އެގްރިމެންޓްތަކަށް ބައިވެރިން އަހުލުވެރިކުރުވުމާއި، ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާނޫނީ އަދި އިދާރީ އޮނިގަނޑުތަކަށް އަލިއަޅުވާލުމެވެ. މީގެ އިތުރުން، 2030 އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީ) އާ ގުޅުންހުރި މައްސަލަތަކާއި، ނޫ އިޤްތިޞާދެއް ބިނާކުރުމާ ގުޅޭ ގޮތުންނާއި، ސައިންސްގެ އަލީގައި ސިޔާސަތު ބައްޓަންކުރުމާ ގޫޅޭ ގޮތުން އަދި މޫސުމީ ބަދަލުތަކާ ގުޅިގެން ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގައި އިސްކަންދޭން ޖެހޭ ކަންކަމާގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވިގެންދާނެއެވެ.

މި މަސައްކަތު ބައްދަލުވުން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ސަރަޙައްދީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން، ސްޓޭޓް މިނިސްޓަރ އަލްފާޟިލާ އާމިނަތު ޙުސައިން ޝަރީފް ވިދާޅުވީ އެއްވެސް ޤައުމަކަށް އެކަހެރިކޮށް ތިބެގެން، އެ ޤައުމެއްގެ ކަނޑުތަކުގެ ދުޅަހެޔޮކަން ރައްކާތެރި  ނުކުރެވޭނެކަމަށެވެ. ކަނޑުގެ ޤާނޫނުން އަޅުގަނޑުމެންނަށް މަދު ދައްކައިދިން ނަމަވެސް، ކުރިއަށް ދާންވީ ވަސީލަތްތައް ފޯރުކޮށްދެނީ ސަރަޙައްދީގޮތުން ލެވޭ އެއްބާރުލުން ކަމަށާއި، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤައުމީ އޮނިގަނޑުތައް ދުނިޔޭގެ މިންގަނޑުތަކާ އެއްހަމަކޮށް، ސަރަޙައްދީ ފެންވަރުގައި ޤައުމުތައް ގުޅިގެން މަސައްކަތްކުރާނަމަ، މަސްމަހާމެހީގެ ސްޓޮކްތައް ރައްކާތެރިކޮށް، ކަނޑުގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކޮށް، އަދި ދެމެހެއްޓެނިވި އިޤްތިޞާދެއް ޙާޞިލުކުރެވިދާނެކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

 

ދިވެހިރާއްޖެ ހިމެނޭގޮތަށް 12 މެމްބަރު ޤައުމަކުން 47 މަންދޫބުން މި ވަރކްޝޮޕްގައި ބައިވެރިވެފައިވެއެވެ. މި މަސައްކަތު ބައްދަލުވުމަށްފަހު، ދިވެހިރާއްޖޭގައި ޔުނައިޓެޑް ނޭޝަންސް ފިޝް ސްޓޮކްސް އެގްރީމެންޓް  (ޔޫ.އެން.އެފް.އެސް.އޭ) ތަންފީޛުކުރުމުގެ ޤާބިލުކަން އިތުރުކޮށް، ކަމާ ގުޅޭ އިދާރާތަކުގެ އޮފިޝަލުން ތަމްރީނުކުރުމަށްޓަކައި ތިން ދުވަހުގެ ޤައުމީ ވަރކްޝޮޕެއްވެސް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ތަމްރީނު ޕްރޮގްރާމުގައި ސަރަޙައްދީ މަސްވެރިކަން މެނޭޖްކުރާ ޖަމްޢިއްޔާތައް (އާރް.އެފް.އެމް.އޯ) މެދުވެރިކޮށް ކުރެވޭ މަސައްކަތްތަކާއި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރިޕޯޓުކުރުމެއް ނެތި އަދި ބެލެހެއްޓުމެއް ނެތި ކުރެވޭ (އައި.ޔޫ.ޔޫ) މަސްވެރިކަން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ އަލިއަޅުވާލެވިގެންދާނެއެވެ.

ނޫސް ބަޔާން: އިގެރޭސިބަހުން

112.38 KB

ނޫސް ބަޔާން:- ދިވެހި ބަހުން

112.38 KB