28 އޭޕްރިލް 2025

މަސްވެރިންނަށް މާލީ ތަނަވަސްކަން އިތުރު ކުރުމަށްޓަކައި މިނިސްޓްރީ އާއި ބީ.އެމް.އެލް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުން

ނޫސް ބަޔާން

މަސްވެރިންނަށް މާލީ ތަނަވަސްކަން އިތުރު ކުރުމަށްޓަކައި މިނިސްޓްރީ އާއި ބީ.އެމް.އެލް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސްވެރިކަމުގެ ވަޢުދުފުޅުތަކުގެ ތެރެއިން، މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި، ބޭންކިންގ ކްރެޑިޓް ރޭޓިންގގެ ތެރެއަށް ފެތޭގޮތަށް، މާލީ އިދާރާތަކުން ލޯނު ލިބުންފަދަ އިތުރު ޚިދުމަތްތައް ހޯދުމަށް މަސްވެރިންނަށް ފުރުޞަތު ހުޅުވާލުމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސްއިން މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި ބޭންކް އޮފް މޯލްޑިވްސް އާއި ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ވަނީ ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އޮނަރަބްލް އަޙްމަދު ޝިޔާމް އަދި ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝަރީފެވެ.

މި އެއްބަސްވުމުގެ ދަށުން، މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، ސްޓޫޑެންޓް ލޯން އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާޞިލުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި އައު އިންތިޒާމުގެ ދަށުން، ޝަރުޠު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީ އަކާނުލައި 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިންގ ލިބޭނެއެވެ. އަދި ފުރަތަމަ ފަހަރަށް، މޫސުމާއިއެކު މަސްވެރިކަމުގެ އާމްދަނީއަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް ފައިސާ އަނބުރާ ދެއްކުމުގެ ތާވަލުތައް އެކުލަވާލެވޭނެއެވެ.

ޕާސަނަލް ފައިނޭންސިންގ އަދި ލުއި ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ބޭންކުގެ އިންޓަނެޓް ނުވަތަ މޮބައިލް ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް ލިބެން ހުންނާނެއެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް މަސްވެރިންނަށް މި ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ޕާސަނަލް ފައިނޭންސިންގގެ އިތުރުން، ޤައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށްފަހު، މަސްވެރިންނަށް ހޯމް ޕާޗޭސް ފައިނޭންސިންގ، ހޯމް ބިލްޑް ފައިނޭންސިންގ އަދި ހޯމް ކޮންސްޓްރަކްޝަން ލޯނަށް ވެސް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި އިތުރު ފުރުޞަތުތަކުގެ ސަބަބުން، މަސްވެރިންނަށް އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އަމިއްލަ ގެދޮރު ގަތުމާއި އިމާރާތްކުރުމުގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް މަގުފަހިވެގެންދާނެއެވެ.

މަސްވެރިންނަށް މާލީ ތަނަވަސްކަން ފަހިކޮށްދިނުމަށްޓަކައި - ބީ.އެމް.އެލް އާ ދެމެދު ވެވުނު ފަހުމުނާ

75.35 KB