19 ޖޫން 2025
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް " މޫދު ފެސްޓް" ބޭއްވުން
ނޫސް ބަޔާން
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް "މޫދު ފެސްޓް" ބޭއްވުން

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން " މޫދު ފެސްޓް" ގެ ނަމުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތައް ކުރިއަށް ދާނީ ޖޫން މަހުގެ 21 ވަނަ ދުވަހު ހުޅުމާލޭ ފޭސް 1ގެ (ދިރާގު) ގޮނޑުދޮށުގައެވެ. މި ހަރަކާތްތައް މެންދުރު 1 ފެށިގެން ހަވީރު 5 އާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
" މޫދު ފެސްޓް" ގައި ކަނޑާ ގުޅޭ އެކިއެކި ހަރަކާތްތައް ބޭއްވުމަށް ގިނަ ސްޓޯލްތަކެއް ހުންނާނެއެވެ. މި ފެސްޓިވަލްގައި މަސްވެރި ވުޒާރާއާއި ސަރުކާރުގެ އިދާރާތަކާއި ވިޔަފާރިތަކާއި ތިމާވެށި ދާއިރާގެ އެންޖީއޯތަކާއި ކާބޯތަކެތި ވިއްކާ ފަރާތްތައް ބައިވެރިވާނެއެވެ. މި ހަރަކާތްތަކުގައި ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑު ބޭނުންކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށް އެކިއެކި ކުޅިވަރުތައް ބޭއްވުމަށް ވެސް ވަނީ ރާވާފައެވެ.
"މޫދު ފެސްޓް" ފެށިގެންދާނީ ޑައިވް ސެންޓަރުތަކާއި ގުޅިގެން ކުރިއަށްގެންދާ ޑިސްކަވާ ޑައިވް ހަރަކާތުންނެވެ. މި ހަރަކާތަކީ ކުޑަކުދިންނަށް ޑައިވްކުރުން ތަޖުރިބާ ކުރުމަށް ހިންގާ ހަރަކާތެކެވެ. މި އިވެންޓް ނިމުމުން ހުރިހާ ބައިވެރިންނަށާއި އެހީތެރިވި ފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
"މޫދު ފެސްޓް"ގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރީން ބައިވެރިވެވަޑައިގަންނަވާނެއެވެ. މަސްވެރި ވުޒާރާއިން ވަނީ މި ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.