25 ޖޫން 2024

ވަޒީރު އަޙްމަދު ޝިޔާމް، ތިމަރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު, އަހްމަދު ރިޔާޒުއާއި ބައްދަލުކުރައްވައިފި

ޙަބަރު

-

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު ރިޔާޒުއާއި އާ ބައްދަލުކުރައްވައި މަސްވެރިކަމުގެ ދާއިރާއިން މަޝްވަރާ ކުރައްވައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން ވުޒާރާގެ އިސް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި މެންބަރު އަޙްމަދު ރިޔާޟްވަނީ ތ. ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމާ ގުޅޭ ގޮތުން ވަޒީރާ މަޝްވަރާ ކުރައްވާފައެވެ. އަދި ތ. އަތޮޅަކީ މަހުގެ އުފެއްދުންތައް އުފައްދާ ގިނަ ރައްޔިތުންތަކެއް ދިރިއުޅޭ އަތޮޅަކަށްވުމުން އެ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކަށް ވުޒާރާގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

ތިމަރަފުއްޓަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޒުވާނުން ގިނަ ރަށެއްކަން ފާހަގަކުރައްވައި ރަށުގެ ޒުވާނުންނަށް ވަދު ކަނދުފައްޗެއް އަޅައިދެއްވުމަށް މެންބަރު އަޙްމަދު ރިޔާޟް އެދިވަޑައިގަތެވެ. އަދި ތިމަރަފުއްޓަށް މަސްވެރިކަމުގެ ދާއިރާއާ ގުޅުންހުރި އިންވެސްޓްމަންޓް ގެނައުމަކީވެސް މުހިންމުކަމެއް ކަމަށާއި އެކަމުން ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށް މެންބަރު ރިޔާޟް ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ވަޒީރު ވިދާޅުވީ މީގެ ކުރިންވެސް ފުނައްޑޫ އޮޕަރޭޝަންނަށް ގެންނަން މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް އެއިރުވެސް އެކަން ނުކުރެވުނީ ޚަރަދުތައް ބޮޑުވުމުން ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ މީހުން ދިރުއުޅޭ ރަށްރަށުގައި މަސް ކާރުޚާނާތައް އެޅުން ކަމަށާއި އޭގެ ސަބަބުން ދިވެހިންނަށް ވަޒީފާއަށް ދެވޭނެ މަގު ފަހި ކުރެވިގެން ދާނެކަމަށެވެ.

ވަދު ކަނދިފަތި އެޅުމަށް ގިނަ ހުށަހެޅުންތަކެއް ލިބިފައިވާކަން ފާހަގަ ކުރައްވައި ވަޒީރު ވަނީ ވަދު ކަނދުފަތިތައް އިތުރު ކުރުމަށް ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތައް ހިއްސާކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މަސްވެރި ސިނާއަތް ތަރައްޤީ ކުރުމަށް ދައުލަތަށް ވީހާވެސް ލުއި ގޮތްތަކެއް ހޯދުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށާއި މި ވަގުތު އެންމެ އިސްކަމެއް ދެއްވަނީވެސް ވުޒާރާއަށް މަތިކޮށްފައިވާ މެނިފެސްޓޯ ތަންފީޒުކުރުމުގެ މަސައްކަތްކަމަށެވެ.