14 ޖުލައި 2024

އިޓަލީގެ ރޯމް ގައި މި ޖުލައި މަހުގެ 8 އިން 12 އަށް ކުރިއަށްދާ 36 ވަނަ މަސްވެރިކަމާބެހޭ ކޮމެޓީ ( COFI 36 ) ގައި ބައިވެރި ވެވަޑައިގަތުމަށް މިނިސްޓަރ އަހުމަދު ޝިއާމް ރޯމް އަށް ވަޑައިގެންފި

ޙަބަރު

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އދ. ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާ (އެފްއޭއޯ) ގެ މަސްވެރިކަމާބެހޭ ކޮމިޓީގެ 36 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވައިފިއެވެ.

އިޓަލީގެ ރޯމުގައި ކުރިއަށްދާ އެ ޖަލްސާގައި ވަޒީރު ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދިގު ތާރީޚާއި ދިވެހި މަސްވެރިކަމުގެ ތަރިކައިގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. ވަޒީރު ވިދާޅުވީ، އެ ޖަލްސާގައި ބައިވެރިވުމަކީ، ހަމައެކަނި ވަޒީފާގެ ޒިންމާއެއް ނޫންކަމަށާއި އެއީ އެ ބޭފުޅާގެ ކާބަފައިންނާއި، ވަޠަނުގެ ކަނޑުތަކާ ގުޅިފައިވާ އަމިއްލަ ދަތުރެއްކަމަށެވެ.

ވަޒީރު ވިދާޅުވީ، މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި އެއްތަނބު ކަމަށެވެ. އެގޮތުން މި ސިނާޢަތުގައި ރާއްޖޭގެ މަސައްކަތްތެރިންގެ 11 އިންސައްތަ މީހުން ވަޒީފާ އަދާކުރާއިރު، އެ ސިނާއަތް އަމާނާތްތެރިކަމާއެކު އަންނަން އޮތް ޖީލަށް ފޯރުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ހިމާޔަތް ކުރުމަށް ރާއްޖެއިން މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި ދެމެހެއްޓެނިވި މަސްވެރިކަމެއްކޮށް ދުނިޔެއަށް ރާއްޖެއިން އެކަމުގެ މިސާލު ދައްކުވާފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ރާއްޖެއަށް އެކަނި ނުކުރެވޭނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ރާއްޖެ ފަދަ ކުދި އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މަސްވެރި ސިނާޢަތުގައި ވިޔަފާރި ކުރުމަށް ހުރި ހުރަސްތަކަށްވެސް ވަޒީރުވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ ބައިނަލްއަޤުވާމީ މާކެޓަށް މަހުގެ ބާވަތްތައް ނެރުމުގައި ކުރަންޖެހޭ ޚަރަދުތައް ބޮޑުވުން ކަމަށެވެ. އެގޮތުން މަސް ބޭރުކުރުމަށް ރާއްޖެއިން ބޮޑު ޓެކްސްއެއް ދައްކަންޖެހޭކަމަށް ވަޒީރު ފަހަގަ ކުރެއްވިއެވެ. މިއާއެކުވެސް މަސް ޕްރޮސެސްކުރުމަށް ރާއްޖެއިން ރޯމަސް ދުނިޔޭގެ ބާޒާރަށް ނެރެން މަޖުބޫރުވެފައިވާ ކަމަށްވެސް ވިދާޅިވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ މަހުގެ އަގު އެއްކޮށްގެން ރާއްޖެއިން މަސް ބޭރުކުރުންކަމަށާއި އަދި މި ހާލަތު ބަދަލުކުރަން ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.