13 އޯގަސްޓް 2024

މަސްވެރިންގެ ޤައުމީ ދަފްތަރާ ބެހޭ

ޚަބަރު - ނިންމުން

މަސްވެރިންގެ ޤައުމީ ދަފްތަރަކީ މަސްވެރި އާބާދީގެ މަޢުލޫމާތު އެއްކޮށް ބަލަހައްޓާ ރަސްމީ ޑޭޓާބޭސް

މަސްވެރިންގެ ދަފުތަރަކީ މަސްވެރި އާބާދީގެ މަޢުލޫމާތު އެއްކޮށް ބަލަހައްޓާ ރަސްމީ ޑޭޓާބޭސްއެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. އަމްޒަތު މިހެން ވިދާޅުވެފައިވަނީ ދިވެހި ޗެނަލްގެ ހަވާސާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ. އަމްޒަތު ވިދާޅުވީ މިހާތަނަށް މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންނަކީ ކޮބައިކަން ނޭނގޭ ކަމަށެވެ. އަދި މަސްވެރިންގެ މަޢުލޫމާތު ރަސްމީކޮށް ބެލެހެއްޓިފައި ނުހުންނަ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ޗެނަލްގެ ހަވާސާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަމްޒަތު ވިދާޅުވީ، މަސްވެރިންގެ ދަފުތަރުގައި ރާއްޖޭގައި ލައިސަންސް ނަގައިގެން މަސްވެރިކަން ކުރާ ހުރިހާ އޮޑިފަހަރެއްގެ މަޢުލޫމާތު ހިމެނޭނެ ކަމަށެވެ. މީގެ އިތުރުން، ކެޔޮޅުންނާއި ފަޅުވެރިންގެ މަޢުލޫމާތުވެސް މި ދަފުތަރުގައި ހިމެނޭނެއެވެ.

ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، ފަޅުވެރިން މަހަށްދާ ތާރީޚާއި ދޯނިން ފައިބައިފިނަމަ އެ ތާރީޚުވެސް މި ދަފުތަރުން އެނގޭނެ ކަމަށެވެ. އަދި އެހެން ދޯންޏަކަށް ބަދަލުވިނަމަވެސް، އެ މަޢުލޫމާތުވެސް ރައްކާކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިންގެ ދަފުތަރަކީ މަސްވެރިންނަކީ ކޮބައިކަން ދެނެގަނެވޭނެ ރަސްމީ ޑޭޓާ ބޭސްއެއްގެ ގޮތުގައި ޑރ. އަމްޒަތު ސިފަކުރެއްވިއެވެ.

އަދި މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލުމަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ރިޔާސީ ވަޢުދެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތަކީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހަދައި، މަސްވެރިންނަކީ ދައުލަތުގެ މުއައްސަސާއެއްގައި ދަފުތަރުވެފައި ތިބި ބަޔަކަށް ހެދުން ކަމަށާއި ދަފުތަރުގެ މަސައްކަތް ނިމޭއިރު، ރާއްޖޭގައި މަހަށް ދުއްވާ ހުރިހާ ދޯންޏަކާއި، ކެޔޮޅުންނާއި އަދި ފަޅުވެރިންގެ ރަސްމީ މަޢުލޫމާތު ވުޒާރާގެ ޑޭޓާބޭސްގައި ރައްކާކުރެވި ބެލެހެއްޓިގެން ދާނެކަމަށް ޑރ. އަމްޒަތު ވިދާޅުވިއެވެ.