25 ސެޕްޓެމްބަރ 2025
ތ. ހިރިލަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކޯލްޑް ސްޓޯރޭޖްގެ މަޝްރޫޢުގެ މަސައްކަތް 2026 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެއްޓުމާބެހޭ
ޚަބަރު - ނިންމުން
ތ. ހިރިލަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކޯލްޑް ސްޓޯރޭޖްގެ މަޝްރޫޢުގެ މަސައްކަތް 2026 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެއްޓުމާބެހޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ތ. ހިރިލަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް އަންނަ އަހަރުގެ ޖަނަވަރީ މަހު ފެށޭނެ ކަމަށް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ހިރިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ހިރިލަންދޫއަކީ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވެފައިވަނީ އެ މަސައްކަތްތަކަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ.
އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ވަޢުދުވެވަޑައިގެންނެވި ގޮތަށް ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. މި ގޮތުން، ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރަމުން ގެންދާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫޢު ހިންގުމަށް ހިމަނާފައިވާ ކަމަށާއި، ބަޖެޓު ފާސްވުމާއެކު އެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވެފައިވަނީ، ހިރިލަންދޫގައި ޤާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް އަންނަ އަހަރުގެ ޖަނަވަރީ މަހު ފައްޓަވާނެ ކަމަށެވެ. އަދި މީގެ އިތުރުން އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.