14 އޭޕްރިލް 2025
ޗައިނާގެ ކަނޑުގެ ކާނާގެ ވިޔަފާރި ވަފުދާ މިނިސްޓަރ ޝިޔާމް ބައްދަލުކުރައްވައިފި
ޚަބަރު - ނިންމުން
ޗައިނާގެ ކަނޑުގެ ކާނާގެ ވިޔަފާރި ވަފުދާ މިނިސްޓަރ ޝިޔާމް ބައްދަލުކުރައްވައިފި

ވަޒީރު އަޙްމަދު ޝިޔާމް، މިއަދު ޗައިނާގެ ކަނޑުގެ ކާނާ އަދި އެކުއަޓިކް އުފެއްދުންތަކުގެ ވިޔަފާރި ވަފުދަކާ ރަސްމީ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގައި ބޭއްވުނު މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ ޗައިނާގެ ކަނޑުގެ ކާނާ އުފައްދާ ކުންފުނިތަކުގެ އިސް މަންދޫބުންނެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ކަނޑުގެ ކާނާއާއި އުފެއްދުންތައް ބައިނަލްއަޤްވާމީ މާކެޓަށް ނެރުމާއި، ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން، ބައްދަލުވުމުގައި ޗައިނާ-ދިވެހިރާއްޖޭގެ މިނިވަން ވިޔަފާރީގެ (ސީ.އެމް.އެފް.ޓީ.އޭ) އެއްބަސްވުން ބެހޭގޮތުން ވާހަކަ ދެއްކެވުނެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ މެދުގައި ކަނޑުގެ ކާނާގެ ވިޔަފާރި އިތުރަށް ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމަކީ ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ކަނޑުގެ ކާނާގެ ވިޔަފާރި ފުޅާކޮށް، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.