20 އޭޕްރިލް 2025

ބ. ފެހެންދޫގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢު އިފްތިތާހުކުރެވިއްޖެ

ޙަބަރު

މެރިކަލްޗަރ ސިނާޢަތަކީ ދިވެހިންނަށް އިޤްތިޞާދީ ނަފާލިބޭ ސިނާޢަތަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމަށް ފްލޯޓިންގް އޭކަރސް އިން ކުރިޔަށްގެންދާ މަޝްރޫޢު ބ. ފެހެންދޫގައި ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކޮށް މެރިކަލްޗަރ ސިނާޢަތަކީ ދިވެހިންނަށް ނަފާލިބޭ ސިނާޢަތަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެތެރެއިން ފުރަތަމަ ފަހަރަށް ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢު ބ. ފެހެންދޫގައި މިއަދުވަނީ އިފްތިތާހް ކުރެވިފައެވެ. މި މަސްރޫެއު ފައްޓަވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

ފްލޯޓިންގ އޭކާސްއިން މޫދުވިނަ އާލާކުރުމާ ގުޅޭގޮތުން ދިރާސާކުރުމަށްފަހު ކުރި މަސައްކަތުން ހުއްދަ ލިބޭގޮތް ނުވެ އޮއްވާ، މި ސަރުކާރުން ކަނޑައަޅާފައިވާ މެރިކަލްޗަރ ފަހި ސިޔާސަތުގެ ދަށުން ވަނީ ފްލޯޓިންގ އޭކާސްއަށް 1 އަހަރު ދުވަހުގެ މުއްދަތަށް މަޝްރޫޢު ކުރިޔަށް ގެންދިއުމުގެ ހުއްދަ ދީފައެވެ. މި ހުއްދަ ދިނުމުގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމުގެ ސިޔާސަތުގެ ތެރެއިން، މިމަސައްކަތް ދިރާސާކޮށް، ފުލް ސްކޭލް ޕާރމިޓެއް ދިނުމުގެ ކުރިން ހުރެދާނެ ކަންކަން ދެނެގަތުމެވެ.

މީގެ ކުރިން އެފް.އޭ.އޯ އިން ވަނީ މި ބާވަތުގެ މޫދުވިނަ ރާއްޖޭގައި އާލާކުރެވިދާނެތޯ ބެލުމަށް އަޖުމަ ބެލުމުގެ މަޝްރޫޢެއް ވަނީ ހިންގާފައެވެ. އެ މަޝްރޫޢު ނިމުމުން ޝާއިޢުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ މޫދުވިނަ އާލާކުރުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގައި ކުރެވިދާނެ މަސައްކަތެއް ކަމަށެވެ. ނަމަވެސް މިހާތަނަށް ނިމިދިޔަ އެއްވެސް ސަރުކާރަކުން މޫދުވިނަ އާލާކުރުމުގެ މަސައްކަތަކަށް ހުއްދަ ދީފައެއް ނުވެއެވެ.

އޭޝިއާގެ ޤައުމުތަކުގައި މޫދުވިނަ މީގެ 50 އަހަރު ކުރިން ފަށައި ފުޅާދާއިރާއެއްގައި ކުރިއަރަމުން އަންނަ އިންޑަސްޓްރީއެއްގެ ގޮތުގައި އަންނަނީ ކުރިއަރަމުންމެވެ. މިވަގުތުވެސް ދުނިޔޭގައި ކަލްޗަރކުރާ މޫދުވިނައިގެ 98 އިންސައްތަ ކަލްޗަރކުރަނީ މައިގަނޑުގޮތެއްގައި އޭޝިއާގެ ޤައުމުތައް ކަމުގައިވާ ޗައިނާ، އިންޑޮނޭޝިއާ، ސައުތު ކޮރެއާ އަދި ފިލިޕީންސްގައެވެ.

އެގޮތުން 2023 ވަނަ އަހަރު ދުނިޔޭގެ މޫދުވިނައިގެ މާރކެޓް ވެލިއު 17.14 ބިލިއަން ޑޮލަރުގައި ހުރިއިރު. 2032 ވަނަ އަހަރަށް އަންނައިރު މި އަދަދު 2 ގުނަ ވާނެކަމަށް މާހިރުން ވިދާޅުވެއެވެ.

ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑު ހިއްސާކުރާ ޤައުމަކަށްވީ ހިނދު މެރިކަލްޗަރ އާއި ގުޅުންހުރި މިފަދަ މަސްރޫއުތަކުން ރަށުގައި ތިބެގެން ދިވެހި ޒުވާނުންނާއި ކަނބަލުންނަށް އައު ވަޒީފާގެ ފުރުޞަތުތައް ހުޅުވި، ޤައުމުގެ އެކްސްޕޯޓް އާމްދަނީ އިތުރުވެ، މަސްވެރިކަމާއި ގުޅުންހުރި ދާއިރާތަކުން ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުވުމާއިއެކު ދިވެހިންނަށް އައު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ.