09 ޖުލައި 2025

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ސައުދީއާއި އެކު މަޝްވަރާކޮށްފި

ޚަބަރު - ނިންމުން

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ސައުދީއާއި އެކު މަޝްވަރާކޮށްފި

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސައުދީ އަރަބިއްޔާއިން ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ޝުކުރު އަދާ ކުރައްވައިފިއެވެ.

ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީ މިއަދު ވަނީ ވަޒީރު ޝިޔާމްގެ އަރިހަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި މަސްވެރިކަމުގެ ދާއިރާއާއި ބްލޫ އިކޮނޮމީ އިތުރަށް ތަރައްގީ ކުރުމަށް ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް އިތުރަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް އަބަދުވެސް އެހީތެރިވެދެއްވާނެ ކަމަށް ސައުދީ ސަފީރު ވިދާޅުވިއެވެ.

މީގެއިތުރަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް ސައުދީ އަރަބިއްޔާއިން އަބަދުވެސް އެއްބާރުލުންދެއްވާނެ ކަމަށާ، ޚާއްސަކޮށް މ.މުލަކުގައި ހުންނަ ކޯލްޑްސްޓޯރޭޖާއި ކޫއްޑޫ، އަދި ރިސާޗް އެންޑް ކޮންޒަވޭޝަންގެ ދާއިރާއިން އިތުރަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވި އެވެ.

މިއީ ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް ކަމަށް ސައުދީ ސަފީރު ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވަޒީރު ޝިޔަމް ވަނީ ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ތަރައްގީއަށް ވެދެމުންއަންނަ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މާލެ, ދިވެހިރާއްޖެ